ލަލީގާގައި މިރޭ، ރެއާލް މެޑްރިޑް 4-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ތަށި ހޯދުމާއި ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.
އެންމެފަހުން ބާސާ އާއި ރެއާލް ބައްދަލުކުރި އެލް ކްލަސިކޯގެ ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބާސާއިންނެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
އެމްބާޕޭގެ ފުރަތަމަ ލަނޑަކީ މެޗުގެ ފަސް ވަނަ މިނިޓްގައި ބާސެލޯނާގެ ކީޕަރު ޝެޒްނީ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 14 ވަނަ މިނެޓްގައި އެމްބާޕޭ ދެވަނަ ލަނޑު ކާމިޔާބުކުރީ ވިނީޝަސް ޖޫނިއާ ދިން ޕާހަކުންނެވެ.
ބާސާއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަަނަ މިނިޓްގައި ފެރަން ޓޮރޭސް ދިން ބޯޅައަކުން ކާމިޔާބުކުރީ އެރިކް ގާސިއާ އެވެ.
އަދި މެޗުގެ 32 ވަނަ މިނިޓްގައި އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ބާސާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނިޓް ފަހުން، ޕެޑްރީދިން ބޯޅައަކުން ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން ބާސާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 70 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބާސާގެ ފާމިން ލޮޕޭޒް ލަނޑެއް ކާމިޔާބުކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ޖެހިފައި އޮތުމުން ރެފްރީ އެލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 35 މެޗުން 75 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ބާކީ ދެން އޮތީ ތިން މެޗު ކަމަށްވާއިރު، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދަން ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.



