މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކުގައެވެ.
އެމްޓީސީސީން މިހާރު ވަނީ ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ފޭރާން ހަމަޖެއްސުމަށްޓަކައި އޮންލައިން ބުކިންގ ސިސްޓަމެއް ތަޢާރަފުކޮށްފައެވެ.
އެމްޓީސީސީއިން ބުނިގޮތުގައު މި ހިދުމަތް ލިބޭނީ އެމްޓީސީސީގެ ވެބްސައިޓް https://stl.mtcc.mv މެދުވެރިކޮށެވެ.
މި ހިދުމަތް ފެށިގެން ދަނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ދުވާލަކު 6 ދަތުރުގެ މައްޗަށެވެ.
މާލެއިން ކުޑަގިރިއަށް ދަތުރުތައް ހަމަޖެހިފައިވަނީ ހެނދުނު 6:30، 8:00 އަދި 9:30 ގައެވެ. އަދި ކުޑަގިރިން މާލެއަށް އެނބުރި އައުމަށް ހަވީރު 4:00، 5:30 އަދި ރޭގަނޑު 7:00 ގައި ދަތުރުތައް ހަމަޖެހިފައިވެއެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރަތްކޮށްފައެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރަތްކޮށްފައެވެ.
އަދި ކުޑަގިރިން ދެމުންދާ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ރޭޓް ވަނީ 70 އިންސައްތައިން މަތީގައެވެ.
އެމްޓީސީސީން ބުނީ ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ކުޑަގިރިއަށް ދަތުރުކުރެވޭނެ ގޮތަށް ހިދުމަތް ފުޅާކުރުމަށްވެސް ވަނީ ރޭވިފައި ކަމަށެވެ.



