މިދިޔަ އަހަރު ނިމުނުއިރު މުޅި ރާއްޖޭގައި މަސައްކަތްކުރި ނަރުހުންގެ އަދަދު 3،725 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ 2،487 ދިވެހި ނަރުހުންނާއި 1،238 ބިދޭސީ ނަރުހުންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރަށްރަށުގައި މަސައްކަތްކުރަނީ 1،337 ދިވެހި ނަރުހުންނާއި 589 ބިދޭސީ ނަރުހުންނެވެ. އަދި މާލޭގައި މަސައްކަތްކުރަނީ 1،150 ދިވެހި ނަރުހުންނާއި 649 ބިދޭސީ ނަރުހުންނެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު، އެ އަހަރު މުޅި ރާއްޖޭގައި މަސައްކަތްކުރީ 3،716 ނަރުހުންނެވެ. އޭގެ ތެރޭގައި 3،413 އަކީ އަންހެން ނަރުހުންނެވެ. އަދި 303 އަކީ ފިރިހެން ނަރުހުންނެވެ. އެ އަހަރު މަސައްކަތްކުރި ނަރުހުންގެ ތެރޭގައި 2،370 ދިވެހިންނާއި 1،346 ބިދޭސީން ހިމެނެއެވެ.
ނަރުހުންގެ ދާއިރާގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ސަރުކާރުގެ ހޮސްޕިޓަލުތަކުގައެވެ. މިގޮތުން ޕަބްލިކް ސެކްޓަރުގައި 3،119 ނަރުހުން މަސައްކަތްކުރާއިރު، އަމިއްލަ ތަންތަނުގައި 597 ނަރުހުން މަސައްކަތްކުރެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައި، ނާސިންގ ކެއަރގެ ދާއިރާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުން ކަމަށް ފާހަގަކޮށްފައިވެއެވެ.



