މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު، މިއަދު ހުޅުމާލެ ސެންޓްރަލް ޕާކަށް ޒިޔާރަތްކުރައްވައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް ކުރެވެމުންދާ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި މިނިސްޓަރު ސައީދު ވަނީ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އާއި ބީސީސީގެ ސީނިއަރ މެނޭޖްމަންޓާ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ، މި މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.
މި މައުރަޒު އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށްދަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
މި މައުރަޒުގައި ވަނީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރަށްތަކާއި ސިޓީތަކާއި، ތައުލީމީ މަރުކަޒުތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.


