މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރީ ހެކި ލިބުނު ހިސާބުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށްދާ ވަޒީރުންގެ ”އަހާ ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އަންހެން ކުއްޖާ ވެއްޓިފައި އޮތް މައުލޫމާތު ލިބުނު ހިސާބުން ސީންއަށް އެޓެންޑުވެ، އޭނާއަށް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސައި ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، މި ހައްޔަރުކުރުން ލަސްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
”ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރަން ޖެހުނު ހިސާބުން [ރައުދު] ހައްޔަރުކުރީ. އެހެންވީމާ ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބެމުން އަންނަ ހެކިތަކަށް ބަލާފަ ކުރަމުން އަންނަ ތަހުގީގެއް، އަޅުގަނޑުމެންގެ ހިތު ލަފައަށް އަޅުގަނޑުމެން ހީކުރާ ގޮތަށް ކުރަމުން އަންނަ ކަމެއް ނޫން،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ކެމެރާއިން ރައުދު ފެނިގެން އޭނާ ގެނެސް، އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ.
އަދި އޭރު ތަހުގީގުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، ރައުދު މިހާރުވެސް ހުރީ ބަންދުގައި ކަމަށާއި، އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނަގާފަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަހުގީގުގައި ރައުދު ބުނެފައިވާ ގޮތުން ޔުމްނު ވެއްޓުނު ރޭ އޭނާއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އަދި ޔުމްނު ވެއްޓުނުއިރު ރައުދާއެކު އިތުރު ބަޔަކު ތިބިކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.




