ރާއްޖޭގައި ވިސާ ނެތި 12 އަހަރު ވަންދެން ދިރިއުޅެމުން އައި ފްރާންސް އާއިލާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ފޮނުވާލައިފިއެވެ.
މި އާއިލާގެ މައްސަލަ ފާހަގަވީ ’އިމިގްރޭޝަން ވޮޗް‘ އަށް މި އަހަރުގެ ޖުލައި 18 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މި އާއިލާގައި ހިމެނެނީ ޖުމްލަ 6 މެންބަރުންނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އާއިލާއިން ވަނީ ރާއްޖޭގެ ރަށްވެހިކަމަށް އެދިފައެވެ. ނަމަވެސް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ނުދެވޭނެކަން އެންގުމާ ގުޅިގެން، އެ އާއިލާއިން އަމިއްލައަށް ވަނީ ރާއްޖެއިން ފުރުމަށް އެދިފައެވެ.
އެ އާއިލާ ރާއްޖޭގައި ދިރިއުޅެމުން ގެންދިޔަ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި އެ އާއިލާ އެރަށުގައި އުޅެމުން އައީ 12 އަހަރު ވަންދެނެވެ. އެހެންނަމަވެސް، އިމިގްރޭޝަނުން އެ އާއިލާ ފޮނުވާލި ގައުމާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން، ވިސާ ނެތި ރާއްޖޭގައި ދިރިއުޅުމަކީ ކުށެކެވެ. އަދި މިފަދަ ޙާލަތްތަކުގައި އެ ފަރާތްތައް އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު އިމިގްރޭޝަނަށް ލިބިގެންވެއެވެ.




