ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީގައި މިވަގުތު 81 ސިޔާސީ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ހާމަކުރައްވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން މަސައްކަތްކުރަނީ ހަމައެކަނި މާލޭގަ ނޫން ކަމަށާއި، ރަށްރަށުގައި ހުރި މިނިސްޓްރީގެ ޕަބްލިކް ވާކްސް ޔުނިޓްތަކުގައިވެސް ސިޔާސީ މުވައްޒަފުން މަސައްކަތްކުރާ ކަމަށެވެ.
މީގެއިތުރުން، ޕަބްލިކް ވާކްސްގެ ޚިދުމަތް ފުޅާކުރުމަކީ ރައީސް މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މުވައްޒަފަކު ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މިއާއެކު، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައެވެ.



