ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހު، ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްދިނުމަށް އެދި ހުށަހެޅުމުންނެވެ.
މި މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ޖުޑިޝަރީ ކޮމެޓީން މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ ދެ ފަނޑިޔާރުން ކޮމެޓީއަށް ޖަވާބުދާރީވުމަށް އެދިވަޑައިގެންފައި ވަނިކޮށް، އެ ފުރުސަތު ނުދީ ސިއްރު ބައްދަލުވުމެއްގައި ކަމަށް ފާހަގަކުރެވެއެވެ. ކޮމެޓީން މި ގޮތަށް ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާ އެކުގައެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރާނެ ބަހުސްގެ ވަގުތު ކަނޑައެޅުމަށްޓަކައި އާންމު ކޮމެޓީގެ ބައްދަލުވުމެއް މިއަދު ރޭ 9:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




