ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރ (އައިއެފްސީއޭސީސީ) އިން ތައުރީފްކޮށްފިއެވެ.
އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ، ރިލްވާން ޝަރީފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު ބައްދަލުވުމެއްގައި ނަވީން ވަނީ އައިއެފްސީއޭސީސީއިން ދިވެހި ފުލުހުންގެ ހިދުމަތަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް ރިޟްވާންއަށް އަރުވާފައެވެ.
އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ މާލޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރާއްޖޭގައި މާލީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންނާއި އައިއެފްސީއޭސީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ރިޟްވާން މި ވަގުތު ރާއްޖޭގައި ހުންނެވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށެވެ.
މި ބައްދަލުވުމުގައި އިންޓަޕޯލާއެކު ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނަވީން ހިއްސާކުރެއްވިއިރު، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ދެއްވާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.




