ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ އަމަލެކެވެ.
އަދި ރައީސް މުޢިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ޤާނޫނުތަކާ ޚިލާފަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ، ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ޤާނޫނާ ޚިލާފަށްކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން އިތުރަށް ބުނިގޮތުގައި، ކޮމިޓީ މަރުޙަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވެއެވެ.
މި މައްސަލައިގައި އެމްޑީޕީން ވަނީ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފައެވެ.
އަދި މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.



