ސައިކަލެއްގެ މަޑިދަށުން ވައްކަން ކުރި ކަމަށް ބެލެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި، އެ މީހާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާތީ، ޝައްކުކުރެވޭ ފަރާތުގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން، އެ މައުލޫމާތު މާފަންނު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދާ ފަރާތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/gNjqOChILp pic.twitter.com/Jmme5kEIv3
— Maldives Police (@PoliceMv) May 14, 2025
މި ބާވަތުގެ ވައްކަމުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ދާދި ފަހުން ވެސް ފުލުހުން ވަނީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ވީޑިއޯ އާންމުކޮށް ދެ ޒުވާނަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މިދިޔަ މާޗް މަހު މާލޭގައި ހޭލުންތެރިކުރުމުގެ ހަރަކާތެއްވެސް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގައި 50 އެއްހާ މީހުންނާ ބައްދަލުކޮށް، ސައިކަލު ރައްކާތެރިކަމާއެކު ޕާކުކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ފުލުހުން ދީފައިވެއެވެ.
ފުލުހުން ދިން އިރުޝާދުތަކުގެ ތެރޭގައި ސައިކަލު ޕާކުކޮށްފައި ދާއިރު ތަޅުދަނޑި ނެގުމާއި، ޝަޓާ އަދި ހުންގާނު ލޮކްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
އަދި މުހިންމު ލިޔެކިޔުމާއި އަގުބޮޑެތި ތަކެތި ޕޮކެޓް އަދި މަޑިދަށުގައި ނުބެހެއްޓުމަށާއި، ސައިކަލުގެ ތަޅު ހަލާކުވެފައިވާނަމަ ބަދަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.




