ފޯނު ބަލަމުން ސައިކަލު ދުއްވި މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ، އެ މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބެލުމަށްފަހު، އެ މީހާގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ.
ފޭސްބުކްގައި ދައުރުވަމުން އައި ވީޑިއޯގައި ފެންނަނީ މީހަކު އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ސައިކަލު ދުއްވާ މަންޒަރެވެ. އެ ސައިކަލުގައި އަންހެނަކު ވެސް ދަތުރުކުރަމުންދިޔައެވެ.
މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް އަތުން ހިފައިގެން އިނދެ ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވައިދުގެ ދަށުން މަނާ ކަމެކެވެ.
މީގެ އިތުރުން ހެޑްސެޓު ބޭނުން ކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާއެކު ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވައިދުގައި މަނާކޮށްފައެވެ.
”ތިމާއާއި، މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެފަރުދެއްގެވެސް ޒިންމާއެއް.“ ފުލުހުން ބުނެފައިވެއެވެ.
ގަވައިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކޮށް ނަސޭހަތް ދެވޭނެއެވެ. ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭނެއެވެ.
އަދި ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކޮށް، އުޅަނދު 15 ދުވަހަށް ޓޯ ކުރެވޭނެއެވެ.



