ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަމުގެ ގޮތުގައި އޭޕްރިލްމަހު 50.2 މިލިއަން ރުފިޔާ ހޭދަކޮށްފިކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އޭޕްރިލްމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ޖުމްލަ 14،188 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
މީގެ ތެރެއިން 14،024 މީހުންނަށް މާލީ އިނާޔަތް ފޯރުކޮށްދެވިފައިވާއިރު، އޭޕްރިލްމަހު އެކަނި 103 މީހުން ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދިނުމަށް ކުރެވޭ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން 2022 ވަނަ އަހަރު 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާއިރު، 2023 ވަނަ އަހަރަށް 634.3 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
އެންސްޕާއިން ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4،790 ކުދިން ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނައީ ”މަލްޓިޕަލް ޑިސެބިލިޓީ“ ހުންނަ ކުދިންނެވެ.
އަދި ދެން އެންމެ ގިނައީ ނަފްސާނީ، ޖިސްމާނީ އަދި ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ.



