ސަރުކާރުގެ އެކި އިދާރާތަކަށް އައްޔަން ކުރާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރުކުރުމަށް، ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ (އީޑީޕީ) ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންނާއި އިސް ފަންތީގެ އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއެކު، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިދާރީ އޮނިގަނޑަށް ގެނެވިދާނެ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލެވޭނެ އެވެ.
ރައީސް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ނައިބު ރައީސް ހުސެއިން އަފީފެވެ.
މިއަދު ބޭއްވުނު މި ސެޝަންގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.



