އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި މަޝްރޫއުގައި ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، މަޝްރޫއަށް ހޮވޭ އިންވެސްޓަރަށް ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށް އެކި ގޮތްތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސިން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލް އަދި ލޯނު ފައިނޭންސިންގ ހިމެނެއެވެ.
މަތިވެރީ ފަޅު ހިއްކައި، އެ ރަށުގައި އެއާޕޯޓެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަހަރުގެ ތެރޭގައި މަތިވެރީ އެއާޕޯޓުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.


