އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ބުދަ ދުވަހު އެކި ވަގުތުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 80 މީހަކު ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފިއެވެ.
މި ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދަނީ ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލު ރަހީނުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް އަލުން ފެށުމާ ދިމާކޮށެވެ.
ސިވިލް ޑިފެންސްގެ އޮފިޝަލް މުހައްމަދު އަލް މުޣައްޔިރު ވިދާޅުވި ގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 80 އަށް ވަނީ އަރާފައި ކަމަށެވެ. އޭގެ ތެރެއިން 59 މީހުންނަކީ ޣައްޒާގެ އުތުރުގައި ޝަހީދުވި މީހުން ކަމަށެވެ.
މި ހަމަލާތަކުގައި އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައިވާއިރު، ނުވަ މަހުގެ ތުއްތު ކުއްޖަކު ވެސް ވަނީ ޝަހީދުވެފައެވެ.
ރަހީނުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި އެ ގައުމަށް ވަޑައިގެންފައެވެ.
އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްގެ ބަހުން، ޓްރަމްޕާއި ގަތަރުގެ އަމީރު ވަނީ ޣައްޒާގެ މައްސަލައިގައި ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފައެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 53،000 މީހުން ޝަހީދުކޮށްލާފައިވެއެވެ.
އިޒްރޭލުން 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި ނަމަވެސް، މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި، އެ މުއްދަތުގައި ވެސް ވަނީ މަދުވެގެން 2،800 މީހަކު ޝަހީދުކޮށްލާފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން އިޒްރޭލުގެ މަޝްވަރާ ޓީމާއެކު ނަތަންޔާހޫ ރަހީނުންގެ މައްސަލައިގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ވިޓްކޮފް ވިދާޅުވެފައިވަނީ ގުޅިގެން ކުރާ މަސައްކަތުގައި، ޣައްޒާއަށް ރަނގަޅު ހުށަހެޅުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.



