މިނިސްޓަރު އަމީނަކީ މި ސަރުކާރުގައި ހުރި އެންމެ އިޚްލާސްތެރި އަދި އެންމެ ހިންގުންތެރި މިނިސްޓަރު ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީނުގެ މައްޗަށް އެމްޑީޕީގެ 12 މެންބަރުން ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޝާހިދު ވިދާޅުވީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އިދިކޮޅުން އެދަނީ ދިވެހި ރައްޔިތުން ކޮށައި، ކަތިލާ ހުސްކުރަމުން ކަމަށެވެ.
މެންބަރު ޝާހިދު ވިދާޅުވި ގޮތުގައި މިނިސްޓަރު އަމީންއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ވަކިން ޚާއްޞަކޮށް މިއަދުގެ ސަރުކާރުގެ އަގު ވައްޓާލުމަށާއި، ސަރުކާރުގެ ވަޒީރުންގެ އަގު ވައްޓާލުމަށް ދެކެވޭ ވާހަކަތަކެކެވެ.
”މިއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް، މި އިއްޒަތްތެރި މަޖިލީހަށް ހުށަހެޅިގެން އުޅޭ މައްސަލައެއް ނޫންކަން ދިވެހި ރައްޔިތުންނަށް މިއަދު ވެސް ސާފުވެގެންދާނެ“ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު އަމީނަކީ ސާފު، ތޯހިރި، ތެދުވެރި އަދި އިޚްލާޞްތެރި ބޭފުޅެއް ކަމަށާއި، މިއީ ސަރުކާރުގައި ހުރި އެންމެ ހިންގުންތެރި އެއް ވަޒީރު ކަމަށް ފާހަގަކުރައްވައި، ޝާހިދު ވަނީ މިނިސްޓަރު އަމީނަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.
އިދިކޮޅު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އިދިކޮޅުން ކުރާ ހުރިހާ ތުހުމަތްތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އަދި އާއިލީ މަސްލަހަތު އޮތް އެއްވެސް ފަރާތެއް މި މައްސަލައިގައި ހިމެނިފައިވާކަން އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށާއި، އަމިއްލަ ފައިދާއަށް އެއްވެސް ނުފޫޒެއް ފޯރުވާ ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފައެވެ.



