ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ ފާސް ނުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީން ދިރާސާކުރުމަށްފަހު، ޖަވާބުދާރީވުމަށް މިނިސްޓަރު އަމީންއަށް އެއްގަޑިއިރުގެ ވަގުތު ދިނުމަށް ނިންމިއެވެ.
މިނިސްޓަރު ވަނީ ޖަލްސާގައި އިދިކޮޅު ފަރާތްތަކުގެ ހަތް ތުހުމަތަކަށް ވަކިވަކިން ޖަވާބުދާރިވެފައެވެ.
މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، މިނިސްޓަރު އަމީންގެ ގެކޮޅު ފުލުހުން ރެއިޑްކުރި ވަގުތު ފުލުސް ކޮމިޝަނަރަށް ގުޅުމާއި، ސީސީޓީވީ ހަލާކުވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ނުދިނުން ފަދަ ކަންކަމުން މަގާމުގެ ނުފޫޒު ބޭނުން ކުރިކަން ދޭހަވާ ކަމަށެވެ.
އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އިތުބާރު މިނިސްޓަރު އަމީންގެ މައްޗަށް ނެތްކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ހެންވޭރު ގެއެއްގެ ފުރާޅު މަތިން އަންހެނަކު ވެއްޓުނު މައްސަލައިގައި ގުޅުންހުރި ނުވަތަ އާއިލާގެ އެއްވެސް މެންބަރަކު ހިމެނިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ އެމަނިކުފާނު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުންނުވާނެ ކަން އެންގެވުމަށް ކަމަށާއި، ނަމަވެސް ކޮމިޝަނަރ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.
އަދި އިދިކޮޅުން ކުރައްވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އޮތްނަމަ، އެ ހެކި ތަހުގީގީ އިދާރާތަކާ ހިއްސާކޮށް، ތަހުގީގަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރު ޖަވާބުދާރީވުމަށްފަހު މި މައްސަލައަށް މެންބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު ދެވުނެވެ.
އިދިކޮޅު މެންބަރުން ދަނީ މި ހާދިސާ ހިނގާފައިވަނީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގައި ކަމަށާއި، ގެ ބަލައި ފާސްކުރީ ހާދިސާ ހިނގިތާ އެތައް ދުވަސްތަކެއް ފަހުން ކަމަށް ބުނަމުންނެވެ.



