ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، ދެ ހަފުތާގެ ޗުއްޓީއަކަށް މަޖިލީހުގެ މެންބަރުން މިއަދު ވަޑައިގެންފިއެވެ.
މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ފުރަތަމަ ދައުރުގެ ތެރޭގައި ނުވަ ބިލުގެ މަސައްކަތް ވަނީ ނިންމާފައެވެ.
އޭގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހާއި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ފާހަގަކޮށްލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ފެބުރުއަރީ މަހު ފެށުނު މި އަހަރުގެ ފުރަތަމަ ދައުރުގައި ޖުމްލަ 32 ޖަލްސާ ބޭއްވިފައިވާއިރު، އެއީ 59 ގަޑިއިރުގެ މަސައްކަތެވެ. މީގެ އިތުރުން މި ދައުރުގެ ތެރޭގައި 193 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާ ކަމަށް މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ.
އަދި މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން 77 ޕަސެންޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ވަނީ ނިމިފައެވެ.
ނަމަވެސް، މި ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކާއި ބޭއްވުނު ޖަލްސާތައް މަދުކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ދައުރުގައި ފާސްކުރެވުނު ގިނަ ބިލުތަކަކީ މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި، ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކެއްކަން ފާހަގަކުރެވެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. އެގޮތުން ފުރަތަމަ ދައުރު އޮންނަނީ ފެބުރުއަރީ މަހުން މެއި މަހަށެވެ.
ދެވަނަ ދައުރު އޮންނަނީ ޖޫން މަހުން 15 އޮގަސްޓަށެވެ. އަދި ފަހު ދައުރު އޮންނަނީ އޮކްޓޯބަރު މަހުން ނޮވެމްބަރު މަހަށެވެ.




