ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 6 މީހުން ހައްޔަރުކޮށް، 2 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 13 އަދި 14 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ 7 ތަނެއް ބަލައި ފާސްކުރެވުނު ކަމަށެވެ.
މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި އަތުލެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1943.76 ގްރާމެވެ. މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، ”މޫންޝައިން“ ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮވެސް ވަނީ އަތުލެވިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 6 މީހުންގެ ތެރޭގައި ހިމެނެނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ)، ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ)، ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ)، ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ)، ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އަދި އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ)އެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި 90،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ވަނީ އަތުލެވިފައި ކަމަށެވެ.
އަދި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ޖައިލަމް މުޙައްމަދު ޒަކީ 5 ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު އާއި ޝަޔާން އިސްމާޢީލް ވަޙީދު 10 ދުވަހަށް، އަދި ޙަސަން ޢަލީ އާއި މުޙައްމަދު އަލީޝް އަޙްމަދު އަދި ވަލީދު މުޙައްމަދު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



