ކެންސަރު ބައްޔަށް ބޭނުންކުރާ ބޭހެއްގެ ދޮގު ނުވަތަ ފޭކު ބެޗްތަކެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާތީ ސަމާލުވާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެދެފިއެވެ.
ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ގޮތުގައި މި ފޭކު ބޭހަކީ ކެންސަރު ބައްޔަށް ބޭނުންކުރާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ގެ ތިން ބެޗެވެ. މި ބޭހުގެ ފޭކު ބެޗްތައް މިވަގުތު އިރާނާއި ތުރުކީގައި ދަނީ ދައުރުވަމުންނެވެ.
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެލާޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އަދި މި ބޭސް ރާއްޖެއަށް އެތެރެކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އިމްޕޯޓްކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ނަމަވެސް އެމްއެފްޑީއޭ އިން ވަނީ، އަމިއްލަ ބޭނުމަށް ބޭސްސިޓީ މެދުވެރިކޮށް ބޭސް އެތެރެކުރާ ފަރާތްތަކުން މި ބެޗްތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަދި މިފަދަ ބޭހެއް ފެނިއްޖެނަމަ ވަގުތުން އެމްއެފްޑީއޭ އަށް އެންގުމަށްވެސް އެދިފައިވެއެވެ.




