ލަމީން ޔަމާލްގެ ލަނޑާއި އެކު 2-0 އިން އެސްޕަނިޔޯލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދި 28 ވަނަ ފަހަރެވެ.
މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ސީޒަނުގައި ވަނީ ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ލަލީގާ އަދި ކޮޕާޑެލްރޭގެ އިތުރުން ސުޕަ ކަޕެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، ބާސާއިން ލީޑުނެގީ އުމުރުން 17 އަހަރުގެ ޔަމާލް ކާމިޔާބުކުރި ލަނޑަކުންނެވެ.

މެޗުގެ 53 ވަނަ މިނެޓްގައި ޔަމާލް މި ލަނޑު ކާމިޔާބުކުރީ އެސްޕަނިޔޯލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 80 ވަނަ މިނެޓްގައި އެސްޕަނިޔޯލްގެ ލެއަންޑްރޯ ކަބްރޭރާ ބޯޅަ ނެތީސް ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގެ އިތުރު ވަގުތުގައި، ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.
މިމެޗާއިއެކު ބާސެލޯނާއަށް ލީގު ލިބި، އެއް ވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ބާކީ ދެން އޮތީ ދެ މެޗެވެ.



