ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، މިއަދު އެމެރިކާގެ ހަވާއީއަށް ފުރާވަޑައިގެންފިއެވެ.
ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ނައިބު ރައީސް ކުރައްވާ މި ދަތުރުފުޅުގައި ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގެ ތެރޭގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަދި މި ދަތުރުފުޅުގައި ރާއްޖެ ބްލޫ ޕްލެނެޓް އެލަޔަންސްގައި ބައިވެރިވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެއެވެ.
ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 އަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ މި ޕްރޮގްރާމް މިފަދަ ގޮތަކަށް ކުރިއަށްގެންދަވާ 4 ވަނަ ފަހަރެވެ.


