ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ (ބްރޯޑްކޮމް) މެންބަރުކަމަށް މޫސާ ރިލްވާން އައްޔަންކުރައްވައިފިއެވެ.
މި އައްޔަންކުރެއްވުމާއެކު ބްރޯޑްކޮމްގެ ހަތް މެންބަރުންގެ ކޮމިޝަން މިހާރު ވަނީ ފުރިހަމަވެފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިލްވާން އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މި ނިންމުން ފާސްކުރެއްވީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލި 10 ފަރާތުގެ ތެރެއިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެންމެ މަތިން މާކްސް ދެއްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި މޫސާ ރިލްވާން ހިމެނިވަޑައިގަންނަވައެވެ. އޭނާއަށް ލިބިވަޑައިގަތީ 81 ޕަސެންޓް އެވެ.
މޫސާ ރިލްވާނަކީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން މީޑިއާ ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއު، މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި ސްޓްރެންތެނިން ލޯ-ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫއުގައި އަމަލީ ދައުރެއް އަދާކުރައްވާފައިވެއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައު މެންބަރަކު އައްޔަނުކުރަން ޖެހުނީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހު ހަމަވާތީއެވެ.




