ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ހަމަޖައްސައިފި އެވެ.
މި މަޤާމަށް ދެ ބޭފުޅުން ހަމަޖެއްސުމަށް ނިންމާފައިވަނީ ރޭ ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައެވެ. މި ހުށަހެޅުން ސެނެޓަށް ހުށަހަޅުއްވާފައިވަނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އަދި މި ހުށަހެޅުން ވަނީ ސެނެޓުގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
ޣައްސާނާއި ޝިޔާމަކީ ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޕީޕީއެމް އުވާލުމަށް ނިންމުމާ ގުޅިގެން، މިހާރު އެ ދެ ބޭފުޅުން ވަނީ ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގެންފައެވެ.




