1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިން ކަމަށެވެ.
ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ.
އޭގެ ތެރޭގައި ވުޒާރާގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.


