މޫޑީޒް ރޭޓިންގްސް އިން އެކުލަވާލި އެންމެ ފަހުގެ ޕީރިއަޑިކް ރިވިއުގައި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއާ ރޭޓިން ސީއޭއޭ 2 ގައި ދަމަހައްޓައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީގެ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، މޫޑީޒްއިން ފާހަގަކުރާ ގޮތުގައި ފަތުރުވެރިކަން އަލުން ކުރިއަރައި، އިގްތިސާދު ރަނގަޅުވަމުން އައިސްފައިވެއެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިގްތިސާދީ ކުރިއެރުމުގެ ފުރުސަތުތައް ރަނގަޅުކަން ކަމަށް މޫޑީޒްއިން ބުނެފައިވެއެވެ.
މޫޑީޒްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވަނީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާ އެވެ.
ނަމަވެސް، 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި މޫޑީޒްއިން ދެކެއެވެ.
މީގެއިތުރުން، އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަގްވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.



