ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ހ.އ އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 15:45 އިން މިރޭ 9:30 އަށެވެ.
މެޓުން ބުނީ، މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން، އަދި ގަޑިއަކު19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މިއަދު މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް، ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާ ކޮށްފައިވެއެވެ.



