މިއަހަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެ ކަމަށާއި، ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް މިނިސްޓްރީން ހާމަ ކުރާ ގޮތަށް ވަނީ ނިންމާފައި ކަމަށެވެ.
މިކަން އިންތިޒާމްވެގެން ދާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީގެ ކުރިން ހާމަ ކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ވަނީ ފާހަގަކުރައްވާފައި ކަމަށެވެ.
ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖެ އިން ހައްޖަށްދާﷲ މީހުން ފުރަން ހަމަޖެހިފައި ވަނީ 26، 27، 29 އަދި 30 ގައެވެ.



