އިހަވަންދިއްޕޮޅުގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން ހޯދަމުންދާ ކާމިޔާބަކީ އެ ޞިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުން އެސްޓީއޯއިން ހޯދި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މި މުހިއްމު ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށެވެ.
އަދި އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއެކު މުހިއްމު މަޝްވަރާތައްވެސް ކުރެވެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އިގްތިސާދު ޑައިވާސިފައި ކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތް. މުޅީން އަލަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެސްޓީއޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މި ސިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އެސްޓިއޯއިން ބުނީ ބަންކަރިން ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު ވިދާޅުވި ގޮތުގައި މިހާތަނަށް ބަންކަރިންގ ހިދުމަތުން 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން 124 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.
އަދި ދާދި ފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް 1200 ޓަނުގެ ތެޔޮ ވިއްކުމުގެ ހިދުމަތްވެސް ވަނީ ފޯރުކޮށްދީފައެވެ.
ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި މިކަމުން ދައްކުވައިދެނީ ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންގ ލައިންތަކުގެ އިތުބާރު އެސްޓީއޯއަށް ލިބިފައިވާކަމާއި، އެސްޓީއޯއިން ހިންގާ މުއާމަލާތްތައް ރަނގަޅަށް ކުރިއަށްދާކަމެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވާއިރު، މި ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗް މަހުގައެވެ.



