މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ފަރާތުން މާލެ ސަރަހައްދުގައި ލޭބަރ ފޯސް ސަރވޭއެއް ފަށައިފިއެވެ.
މި ސަރވޭ ކުރިއަށްދާނީ މިމަހުގެ 18 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
”ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނު“ ގެ ދަށުން، ރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައް ކުރުމާއި ވަޒީފާގެ ބާޒާރާއި ބެހޭ ތަފާސްހިސާބު އެއްކުރުމަކީ އެމްބީއެސް އަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
އެގޮތުން އެ ބިއުރޯއިން 2024 އޮކްޓޯބަރުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ދަނީ ”ލޭބަރ ފޯސް ސަރވޭ“ ކުރިއަށްގެންދަމުންނެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގެ ރޭންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކުގައި މިހާރު ދަނީ މި ސަރވޭ ކުރިއަށް ގެންދަމުންނެވެ.
މި ސަރވޭގައި މައުލޫމާތު ނަގާނެ ދާއިރާތަކަކީ:
° ތަޢުލީމު
° ހިޖުރަކުރުން
° ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް
° މީހުންގެ އާންމު މައުލޫމާތު
° އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް
° ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު
° ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލް
މިފަދަ ސަރވޭއެއްގެ ބޭނުމަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. ވަޒީފާގައި އުޅޭ އަދި ނޫޅޭ މީހުންގެ އާބާދީ ދެނެގަތުމާއި، ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަކީވެސް މި ސަރވޭގެ ބޭނުމެއް ކަމުގައި އެމްބީއެސް އިން މައުލޫމާތު ދީފައިވެއެވެ.



