ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލު ކަމަށްވާ މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެ ސްކޫލުގެ އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހްކޮށްފިއެވެ.
އެ ސްކޫލުގެ އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މަޖީދިއްޔާގެ އާ ވެބްސައިޓުން އެ ސްކުލާ ގުޅޭ މިހާރުގެ މައުލޫމާތާއި، ސްކޫލުގެ ތާރީހު އަދި ސްކޫލުގައި ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ވެސް ވަނީ ހިމަނާފައެވެ.
އޭގެ އިތުރުން އެ އެސެމްބްލީގައި ވަނީ ”މަޖީދިއްޔާ މޫމަންޓްސް“ ނަމުގައި އެ ސްކޫލުގެ ފޮތެއް ވެސް ނެރެފަ އެވެ.
އެ ފޮތަކީ ކޮންމެ އަހަރަކު އެ ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކާއި ފާހަގަ ކުރެވޭ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ފޮޓޯ އާއި މައުލޫމާތު ހިމަނައިގެން އެ ސްކޫލުން ނެރެން ނިންމި ފޮތެކެވެ.
އެ ސްކޫލަށް 99 އަހަރު ފުރުނު މުނާސަބަތުގައި ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އިތުރުން އިސް ރަށްވެހިންނާއެކު ވަގުތު ހޭދަ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ތައުލީމީ ނިޒާމު ކުރިއަރުވައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ އާ ކަންތައްތައް ތައާރަފް ކުރުމުގައި މަޖީދިއްޔާ ސްކޫލު ވާން ޖެހެނީ ނަމޫނާއަކަށް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.




