ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ބޯ ފަޅައިގެން ގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިނގި މައްސަލައެއް ރޭ 11:51 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ދެމީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެތަނުން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އަނެކަކުގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން މި މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



