ރާއްޖޭގެ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތައިލެންޑް ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގ އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާކުރުމުގެ އިތުރުން، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރެވޭނެއެވެ.
އަދި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް ތައިލެންޑުގެ އެހީތެރިކަން ލިބިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ވަނީ، ޕްރައިމަރީ ހެލްތު ކެއާ، ކެޕޭސިޓީ ބިލްޑިން، ޕޮލިސީ ރިސާޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ތައިލެންޑުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންގ އަށްވެސް ތައިލެންޑުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



