އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓްކުރުމަށް އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބްގެ ސީނިއަރ އޮފިޝަލުންތަކެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މި ދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ ލިވަޕޫލް އެފްސީގެ ޕާޓްނަރޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި އެ ކްލަބްގެ ޑައިރެކްޓަރ އޮފް ގްލޯބަލް ޕާޓްނަރޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒަރ އެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި މި ދަތުރުގައި ލިވަޕޫލް އެފްސީގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދާނެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ދެފަރާތުގެ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ޓޫރިޒަމް ކުރިއެރުވުމަށް އައު ސްޓްރެޓެޖީތަކެއް އެކުލަވާލުމާއި، ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ.

ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ’ވިޒިޓް މޯލްޑިވްސް‘ މި އަހަރު އެ ކްލަބުގެ މިޑް ސީޒަންގައި ހަމަޖެއްސި ފަހުން އެކި ކަހަލަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
އެމްއެމްޕީއާރްސީން ބުނީ، އަންނަ އޮގަސްޓް މަހު ފެށޭ 2025/26 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ލިވަޕޫލް އެފްސީގެ ކުޅުންތެރިން ބައިވެރިކޮށްގެން ތައްޔާރުކުރާ ވީޑިއޯ ކޮންޓެންޓްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.



