ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ، ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދޭތީ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ބްރޯޑްކޮމުން މިއަދު ނެރުނު ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަސްޕެންޝަން މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް މަރްޔަމް ޒީނިޔާއަށް އަންގާފައިވެ އެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާކުރުމުގައްޔާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެފައިވާތީ އެވެ.
މީގެ އިތުރުން، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދިނުމާއި ކޮމިޝަނުގެ ނިންމުންތަކަށް އިޙްތިރާމް ކުޑަކުރުން ވެސް ސަސްޕެންޝަންގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަރްޔަމް ޒީނިޔާ ސަސްޕެންޑްކުރުމުގެ ކުރިން، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.


