ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު މ. މުލީގައި އައު އެއާޕޯޓެއް ހުޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް ކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ގދ. ތިނަދޫ އާއި ރ. ފައިނުގައި އެއާޕޯޓު އެޅުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ޖުމުލަ 20 އެއާޕޯޓެއް އޮޕަރޭޓުކުރެވެމުން ދެ އެވެ.
އަދި އިތުރު އެއާޕޯޓުތަކެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.




