’ޒުވާން ހަތީބުން‘ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ’ޒުވާން ޚަޠީބުން‘ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ޓަކައި 338 ފަރާތަކުން ވަނީ ފޯމު ހުށައަަޅައިފައި ކަމަށެވެ.
އަދި މީގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 269 ފަރާތަކުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެއެވެ. މި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނެވެ.
’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.



