އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުގައި އަނެއްކާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މި ގޮތުން ބައެއް ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ކޮވިޑް ބަލިމީހުންނާއެކު ފުރެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުން އެކަނި 6،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، މުޅި ގައުމުން މެއި 11 އިން 17 އަށް ޖުމުލަ 33،030 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ލެބޯޓްރީ ޓެސްޓުތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގައި ފެތުރިފައިވަނީ އޮމިކްރޮން ވޭރިއަންޓުގެ އެކްސްއީސީ ސްޓްރެއިންއެވެ.
ސިންގަޕޫރުގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވަމުންދާ ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ގައުމުގައި އޭޕްރިލް 27 އިން މެއި 3 އާ ދެމެދު ކޭސްތައް 11،100 އިން 14،200 އަށް އިތުރުވެފައިވާއިރު، ދުވާލަކު ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު 102 އިން 133 އަށް މައްޗަށް ގޮސްފައިވެއެވެ.
މީގެ އިތުރުން ހާލު ގޯސްވެ، އިންޓެންސިވް ކެއަރ ޔުނިޓަށް ވައްދަންޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ސިންގަޕޫރުގައި އެންމެ ގިނައިން ފެތުރެމުންދަނީ އެލްއެފް.7 އަދި އެންބީ.1.8 ވޭރިއަންޓްތަކެވެ.
ހޮންކޮންގްގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ކަމަށް ދައްކައެވެ. އެގޮތުން އޭޕްރިލް 6 އިން 12 އަށް އެ ގައުމުގެ ޕޮޒިޓިވިޓީ ރޭޓް 6.21 ޕަސެންޓުން 13.66 ޕަސެންޓަށް މައްޗަށް ގޮސްފައިވެއެވެ.
އިންޑިއާގައި މެއި 20 ގެ ނިޔަލަށް 257 އެކްޓިވް ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ ގައުމުގައި ރިޕޯޓުކުރެވޭ ގިނަ ކޭސްތަކަކީ މެދުމިނުގެ ކޭސްތަކެކެވެ.
އިންޑިއާގައި އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރެވެނީ ކެރަލާ، މަހަރާޝްޓްރާ އަދި ތަމިލް ނާޑޫ ސްޓޭޓްތަކުންނެވެ.



