ދ.ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ.
އެގޮތުން އާރްޑީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ކުޑަހުވަދޫގައި މިހާރު ކުރަމުން ދަނީ އޯކިޑް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އަދި ދުވާރުގެ މަސައްކަތް ކަމަށެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ކުޑަހުވަދޫއަކީ 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.




