މިދިޔަ އެޕްރީލް މަހާއި ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 146 ކުދިން ތިބިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.
ވުޒާރާއިން ބުނިގޮތުގައި އެޕްރީލް މަހު އަލަށް ދައުލަތުގެ ބެލުމުގެ ދަށަށް ހަތަރު ކުދިން ވަނީ ނަގާފައެވެ. މި ހަތަރު ކުދިންގެ ތެރޭގައި ހިމެނެނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
އަދި ފޯސްޓަރިންގ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއް ކުއްޖަކު މިދިޔަ މަހު ވަނީ ފޯސްޓަރ ޢާއިލާއަކާ ހަވާލުކޮށްފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ހަތަރު ކުއްޖަކަށް ވަޒީފާ ނުވަތަ އިންޓަރންޝިޕްގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށްވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެޕްރީލް މަހު ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2,150 ކޯލް ލިބިފައިވާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް 1,778 މައްސަލަ ހުށަހެޅިފައިވެއެވެ.
މި މައްސަލަތަކުގެ ތެރެއިން 66 މައްސަލައަކީ ކުޑަކުދިން އަމިއްލައަށް ހުށަހެޅި މައްސަލަތަކެވެ. އަދި 1,198 މައްސަލަ ބޮޑެތި މީހުން ހުށަހަޅާފައިވާއިރު، 514 މައްސަލަ ހުށަހަޅާފައިވަނީ ކާކުކަން ނޭނގޭ ގޮތަށެވެ.
ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 280 މައްސަލަ ހުށަހެޅިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުންޏެވެ.



