މާދަމާ ހެނދުނު އޮންނަ ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ބައި ކުރިއަށްދާ ވަގުތު، ސްކޫލްތައް ކައިރީ އަޑުގަދަ ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދެފިއެވެ.
ހެނދުނު 09:15 އިން 10:45 އަށް ކުރިއަށްދާ މި އިމްތިހާނާ ގުޅިގެން، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ތޮއްޖެހިދާނެ ފަދަ ކަންތައްތަކުން އެއްކިބާވުމަށާއި، ބަރުގޮނު ބޭނުން ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި، އާންމުން އެއްބާރުލުން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އޭޕްރީލް 20 ގައި ފެށުނު މި އަހަރުގެ އޯލެވެލް އިމްތިހާނުތައް ޖޫން 11 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި އިމްތިހާނުތައް ކުރިއަށްދަނީ ރާއްޖޭގެ 260 ސެންޓަރެއްގައެވެ.
މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 8،362 ދަރިވަރުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކެމްބްރިޖް އިމްތިހާނުގައި ބައިވެރިވާ 7،666 ދަރިވަރުންނާއި، އެސްއެސްސީގެ ދިވެހި އަދި އިސްލާމް މާއްދާގައި ބައިވެރިވާ 7،519 ދަރިވަރުންނެވެ.




