އިނގިރޭސި ވިލާތުގެ ލިވަޕޫލް އެފްސީ އިން ޕްރިމިއާ ލީގު ކާމިޔާބު ކުރުމާ ގުޅިގެން ރާއްޖޭގައި ހާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބް މޯލްޑިވްސްއިން އިންތިޒާމު ކުރާ މި ހަފްލާ އަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ހަފްލާއެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ 19:45 ގައި ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު ސަރަހައްދުގައި ބާއްވާ މި ހަފްލާގައި، ލިވަޕޫލް ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ ލީގުގެ މެޗު ދެއްކުމުގެ އިތުރުން އެ ޓީމުގެ 20 ވަނަ ލީގު ޗެމްޕިއަންކަން ފާހަގަ ކުރެވޭނެއެވެ.
ހުރިހާ ލިވަޕޫލް ސަޕޯޓަރުންނަށާއި އާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ މި ހަފްލާގައި ބޮޑުބެރު ޖެހުމާއި ހަވާ އެރުވުން ފަދަ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިޔަށް ގެންދިއުމަށް އެޗްޑީސީ، ދިރާގު، އެމްއެމްޕީއާރްސީ، މީޑިއާނެޓް އަދި އިންކްޑް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ލިވަޕޫލް މި ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވަނީ ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް ކުޅުނު މެޗުން 5-1 އިން މޮޅުވުމާ އެކުގައެވެ.
މިއީ ލިވަޕޫލްގެ ތާރީހުގައި ކާމިޔާބުކުރި 20 ވަނަ ޕްރިމިއާ ލީގެވެ.



