ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުގެ އުފެއްދުންތައް އުފައްދާ 300 އަށް ވުރެ ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ”މޯލްޑިވްސް އެކްސްޕޯ 2025“ މާދަމާ ރޭ ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި މައުރަޒާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝިޔާޒު ވިދާޅުވީ، މިކަން މި ކުރިއަށް ގެންދަނީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތެރިކަމަށް އިތުރު ޝައުގުވެރިކަމެއް ގެނައުމުގެ ބޭނުމުގައި ކަމަށާއި އަދި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި މައުރަޒުގައި ވާދަކުރުމުގެ ބައިގައި 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވާއިރު، އިތުރު ބައެއް އުފެއްދުންތައް ޑިސްޕްލޭ ކުރުމަށް ވެސް ބަހައްޓާނެއެވެ.
ވާދަކުރާ ބައިގައި ހިމެނޭ އުފެއްދުންތައް ވަނީ ހާއްސަ ޕެނަލަކުން ޖަޖުކޮށް ނިމިފައެވެ. އަދި މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން ވަނަތައް ހޮވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި އަހަރުގެ މައުރަޒުގެ އެންމެ ބޮޑު ހާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ޑިސްޕްލޭ ކުރެވޭނެ ކަމެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި، ގަހަނާ، އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް މައުރަޒުގައި ހިމެނޭނެއެވެ.
މައުރަޒަށް ވަނީ 15 ދާއިރާއަކުން 81 ގިންތިއަށް ހުޅުވާލެވިފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާ މި މައުރަޒު އާންމުންނަށް ހުޅުވާލެވޭނީ މާދަމާ ރޭ 8:30 ގައެވެ.
އަދި މައުރަޒު ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.




