އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގްވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް ހިންގި މި އަމަލަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި މިއީ ބައިނަލްއަގްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަންޖެހޭ ކަމެއް ކަމުގައި ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އެ ގައުމަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަން އަދި ފަރާތްތައް ކަމަށް ވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އިސްރާއީލްގެ މި އަމަލުތައް ކުށްވެރިކުރުމުގެ އިތުރުން، ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވުމަށް ގޮވާލާފައެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.



