ރެއާލް މެޑްރިޑްގެ ކެޕްޓަން، ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
39 އަހަރުގެ މޮޑްރިޗް ރެއާލް ދޫކޮށްލާނީ އަންނަ މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތަށް ފަހުގައެވެ.
ރެއާލް ދޫކޮށްލަން ނިންމި ނިންމުން ހާމަކުރަމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މޮޑްރިޗް ބުނީ، ކޮންމެ ކަމެއްގައި ވެސް ފެށުމާއި ނިމުމެއް އޮންނަ ފަދައިން އޭނާގެ ރެއާލްގެ ކެރިއަރަށްވެސް ނިމުން އަންނަ ވަގުތު ޖެހިފައިވާ ކަމަށެވެ.
އަދި ރެއާލްއާއެކު އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ބަދަލުވެގެން ގޮސްފައިވާ ކަމަށާއި އެ ކްލަބާއެކު ހޯދުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.
2012 ވަނަ އަހަރު ޓޮޓެންހަމުން ރެއާލްއާ ގުޅުނު މޮޑްރިޗް ވަނީ އެ ކްލަބާއެކު 28 ތަށި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ހަ ތަށްޓާއި ސްޕެނިޝް ލީގުގެ ހަތަރު ތަށި ހިމެނެއެވެ.
އަދި 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ ”ބެލޮންޑިއޯ“ އެވޯޑު ވެސް މޮޑްރިޗް ހޯދާފައިވެއެވެ.
މޮޑްރިޗްގެ ރެއާލްއާ އެކު ވެފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު، ރެއާލްގެ އަމިއްލަ ދަނޑުގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗަކަށް ވާނީ އަންނަ އާދީއްތަ ދުވަހު ރެއާލް ސޮސައިޑެޑާ ދެކޮޅަށް ކުޅޭ މެޗެވެ.




