މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އަނެއްކާވެސް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނިގޮތުގައި ރައުދު އިއްޔެ ދޫކޮށްލާފައިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދީފައިވާ 20 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
އޭނާ ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
މި މައްސަލައިގައި ރައުދު ދޫކޮށްލާފައިވަނީ އޭނާގެ އިސްތިއުނާފު މަރުހަލާ ފެށުމާއި ކައިރިވެފައިވަނިކޮށެވެ. ނަމަވެސް، އޭނާ އަލުން ހައްޔަރުކުރުމަށްފަހު މިއަދު ކޯޓަށް ހާޒިރުކުރުމުން، އިތުރު 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުރާޅެއްގެ މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރު ކޮށްފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު އާއެކު އޭނާ އުޅުނުކަން ސީސީޓީވީ ފުޓޭޖްތަކުން ވެސް ހާމަވެފައިވުމުންނެވެ.
އަދި އޭނާއާއި ޔުމްނު ވެސް ވަނީ މަސްތުވާ ތަކެއްޗަށް ވެސް ޕޮޒިޓިވް ވެފައެވެ.



