ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މޯލްޑިވްސް އެކްސްޕޯ 2025 މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މި އެކްސްޕޯ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މި އެކްސްޕޯއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
އަދި މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެކްސްޕޯއެވެ.
އެކްސްޕޯގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ބޮޑުބެރާއި އެކި ހަރަކާތްތަކާއެކުގައެވެ. އަދި ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހަވާވެސް ވަނީ އަރުވާފައެވެ.
އެކްސްޕޯ ހުޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ.
މި އެކްސްޕޯގައި އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ޤާއިމުކޮށްފައެވެ.
މި ސަރަޙައްދުތަކުގައި ހުނަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
މޯލްޑިވްސް އެކްސްޕޯ 2025 އިން ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި ޒަމާނީ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.
މި އެކްސްޕޯގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް ފެނިގެންދާނެއެވެ.




