ހުޅުމާލޭގައި މި މަހުގެ ކުރީކޮޅުން ފެށިގެން ޚިދުމަތް ދެމުން އަންނަ އައު ތެލެސީމިއާ ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގެ އޮރެންޖް ހިޔާގައި ޤާއިމުކޮށްފައިވާ މި ސެންޓަރު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ސެންޓަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޤިޔާސް، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންނާއެވެ. މި ސެންޓަރު ތަރައްޤީކޮށްފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންގގައެވެ. މީގެ ކުރިން ތެލެސީމިއާ ސެންޓަރު ހިންގަމުން ގޮސްފައިވަނީ މާލޭގައި ހުރި ބާވެ ހަލާކުވެފައިވާ އިމާރާތެއްގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އަހައްމިއްޔަތުކަމެއްގެ ދަށުން، މި ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، މެއި 8 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށާފައިވެއެވެ.
އާ ތެލެސީމިއާ ސެންޓަރުގައި ތިން ވޯޑެއް ޤާއިމުކޮށްފައިވެއެވެ. އެއީ ކުޑަކުދިންގެ ވޯޑާއި، އަންހެނުންނަށް ޚާއްޞަ ވޯޑާއި، ޖެނެރަލް ވޯޑެވެ. މި ތިން ވޯޑުގައި ޖުމްލަ 25 އެނދު ހިމެނެއެވެ.
މީގެ އިތުރުން، ސޯފާ ހިމެނޭގޮތަށް އެއްފަހަރާ 30 ބަލިމީހުންނަށް ލޭ އެޅުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.



