ހައްޖަށް ފުރާ ފުރަތަމަ ބެޗުގެ ފަސިންޖަރުންގެ އަދަދު ގިނަވުމާއި ގުޅިގެން ދުރާލާ ތައްޔާރުވެގެން މާދަމާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ހައްޖަށް ގިނަ އަދަދެއްގެ ފަސިންޖަރުން ފުރާތީ، އެއާޕޯޓުގެ ޚިދުމަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަވަހަށް އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވީމާ ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންނާއި އެހެނިހެން ކަންކަން ކުރިއަށް ގެންދަން އެއާޕޯޓަށް އައުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެއެވެ.
މި އަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ ހައްޖު ވެރިން ދާއިރު، ހައްޖު ވެރިންނަށް ފަސޭހަކޮށްދިނުމަށް ”މައްކާ ރޫޓް އިނީޝިއޭޓިވް“ ގެ ދަށުން ގިނަ ލުއިތަކެއް ލިބޭނެއެވެ.
މި އިނީޝިއޭޓިވް އިފްތިތާހުކުރުމަށްޓަކައި ސައުދީ އަރަބިއްޔާގެ ޓީމެއް މިހާރުވަނީ ރާއްޖެ އައިސްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ5 ވާ ބުރާސްފަތި ދުވަހެވެ.



